ފައިޒަރގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ބަހްރައިނުން ދީފި

އެމެރިކާގެ ފައިޒަރ ކުންފުނި އަދި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން ކޮވިޑް 19 އަށް އުފެއްދި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ބަހްރައިންގެ ސަރުކާރުން ދީފިއެވެ. 

ހުކުރު ދުވަހު މި ވެކްސިން އެގައުމުގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވާއިރު ބަހްރައިން ވެގެންދިޔައީ ފައިޒަރގެ ވެކްސިންއަށް ހުއްދަ ދިން ދެވަނަ ގައުމަށެވެ. އެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެންމެ ފުރަތަމަ ދީފައިވަނީ އިނގިރޭސިވިލާތުންނެވެ. 

ބަހްރައިނުން މި ވެކްސިން ބޭނުންކުރާނީ ހައި ރިސްކް މީހުން ކޮވިޑް އިން ރައްކާތެރިކުރުމަށެވެ. އެހެން ނަމަވެސް އެގައުމުން ގަތް ވެކްސިންގެ ޑޯޒްގެ އަދަދާއި ވެކްސިން ދިނުމަށް ފަށާ ތާރީހު އެގައުމުން ހާމަކޮށްފައެއް ނުވެއެވެ. ވެކްސިން ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގައި ބަހްރައިނަށް ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ރައްކާކުރަން ޖެހޭ ފިނިހޫނުމިނެވެ. އެގޮތުން ފައިޒަރ ގެ ވެކްސިން ރައްކާކުރަން ޖެހޭނީ މައިނަސް 70 ޑިގްރީ ސެލްސިއަސްގައި ކަމަށްވާއިރު ހޫނު މޫސުމުގައި ބަހްރައިންގެ ފިނިހޫނުމިން އާންމުގޮތެއްގައި ހުންނަނީ 40 ޑިގްރީ ސެލްސިއަސްގައެވެ. 

ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށްފަހު ތިން ހަފްތާ ފަހުން ދެވަނަ ޑޯޒް ދޭންޖެހެއެވެ. ބަހްރައިންއަށް ވެކްސިން ގެންދިޔުމުގައި ހަރަކާތްތެރިވާނީ އެގައުމުގެ ގައުމީ އެއަރލައިން ގަލްފް އެއަރއެވެ. 

މި ވެކްސިންގެ 570 މިލިއަން ޑޯޒް އަންނަ އަހަރު ނިމުމުގެ ކުރިން ފޯރުކޮށްދިނުމަށް މިހާރު ވަނީ ސޮއިކޮށްފައެވެ. ފައިޒަރ އިން އަންނަނީ 1.3 ބިލިއަން ޑޯޒްގެ ވެކްސިން އަންނަ އަހަރު ނިމުމުގެ ކުރިން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު