ކޮވިޑް-19: ފައިޒާ ވެކްސިންދޭން އިނގިރޭސިވިލާތުން ފަށައިފި

އުމުރުން 81 އަހަރުގެ ވިލިއަމް ޝެކްސްޕިއަރ އަށް ފައިޒާ ވެކްސިން ދެނީ އުމުރުން 81 އަހަރުގެ ވިލިއަމް ޝެކްސްޕިއަރ އަށް ފައިޒާ ވެކްސިން ދެނީ

ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރުމަށް ފައިޒާ އަދި ބައޯ-އެން-ޓެކް ކުންފުނިން އުފައްދާފައިވާ ވެކްސިން، އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ދޭން މިއަދު ފަށައިފިއެވެ. 

މުޅި ދުނިޔެއިންވެސް އާންމުކޮށް މި ވެކްސިން ދޭން ފަށާ ފުރަތަމަ ގައުމަކީ އިނގިރޭސިވިލާތެވެ. މިއަދު ރާއްޖެ ގަޑިން ގާތްގަނޑަކަށް މެންދުރު 12:00 ގައި ފުރަތަމަ ވެކްސިން ޑޯސް ދީފައިވަނީ 91 އަހަރުގެ މާގަރެޓް ކީނަން އަށެވެ. މިއީ އެގައުމުގައި ކުރިއަށް އޮތް ހަފްތާ ތެރޭގައި ދިނުމަށް ނިންމާފައިވާ 800،000 ޑޯސްގެ ތެރެއިން ފުރަތަމަ ޑޯސްއެވެ. 

ވެކްސިން ޖެހުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މާގަރެޓް ވަނީ ވެކްސިން ލިބުމުން އުފާ ކުރާކަމަށް ބުނެފައެވެ. އަދި މިއީ ލިބުނު އެންމެ ރަނގަޅު އުފަންދުވަހުގެ ހަދިޔާކަމަށާއި، ވެކްސިން ޖެހުމުގެ ފުރުސަތު ލިބިއްޖެނަމަ ކޮންމެ މީހަކުވެސް އެ ފުރުސަަތުގެ ބޭނުން ހިފުމަށް މާގަރެޓް އެދިލެއްވިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުގައި، މި މަހުގެ ތެރޭގައި އެ ގައުމަށް އިތުރު 4 މިލިއަން ވެކްސިން ޑޯސް ލިބޭނެއެވެ. މި ވެކްސިންތައް އެންމެ ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 80 އަހަރުން މަތީގެ މީހުންނަށާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންނަށެވެ.

ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުގެ ބޭސް ރެގިއުލޭޓަރ އެމް.އެޗް.އާރް.އޭއިން ދީފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. މި ވެކްސިންގެ ސަބަބުން ކޮވިޑް-19 އާ ދެކޮޅަށް 95 އިންސައްތަ ރައްކާތެރިކަން ލިބިގެންދާނެކަމަށް ފައިޒާއިން ވަނީ ހާމަކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު